ރައީސް މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން، އެމަނިކުފާނުގެ ޒާތީ މަސްލަހަތަށް ނުބައްލަވައި، ދަރިކަނބަލުން އެ ގައުމުގައި ކިޔަވައިވިދާޅުވާ ޔުނިވާސިޓީ އޮފް ލީޑްސް އަށް ޒިޔާރަތް ކުރައްވަން ރަސްމީ ބައްދަލުވުމެއް ހަމަޖައްސައިފި އެވެ.
ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ލިވަޕޫލް ފުޓުބޯޅަ ކްލަބާއެކު ރާއްޖެއިން ސޮއި ކުރި އެއްބަސްވުން ލޯންޗު ކުރުމުގެ ހަފުލާއަށެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތެރެއިން ލީޑްސް ޔުނިވާސިޓީއަށް ވެސް ރައީސް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"ލީޑްސް ޔުނިވާސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާ ވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ،" ރައީސް އޮފީހުން އިއްޔެ ބުނެފައިވެ އެވެ.
ރައީސް މުއިއްޒު ވެސް ކިޔަވައިވިދާޅުވީ ޔުނިވާސިޓީ އޮފް ލީޑްސް އިންނެވެ. އެ ޔުނިވާސިޓީއިން އެމަނިކުފާނު ޕީއެޗްޑީ ހާސިލު ކުރެއްވީ ސިވިލް އިންޖިނިއެރިން ދާއިރާއިން 2009 ވަނަ އަހަރެވެ. ދަރިކަނބަލުން ވެސް ކިޔަވައިވިދާޅުވަނީ އިންޖިނިއެރިން ކަމަށް މައުލޫމާތު ލިބެ އެވެ. އެއީ ދިވެހި ސަރުކާރުން ދިން ސްކޮލާޝިޕެއްގެ ދަށުންނެވެ.
ރައީސް މުއިއްޒުގެ ދަތުރުގެ ތެރެެއިން އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވެސް ރައީސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަކު، އެއީ ލީޑްސް ޔުނިވާސިޓީއަށް ކުރައްވާ ދަތުރުގެ ތެރެއިން ކުރައްވާ ބައްދަލުވުމެއް ނޫނެވެ.

ރައީސް މުއިއްޒުގެ ތިން ބޭފުޅުން ތިއްބަވަ އެވެ. ދަރިކަނބަލުންނަކީ އެންމެ ދޮށީ ބޭފުޅާ އެވެ. އިނގިރޭސިވިލާތަށް ކިޔަވަން ވަޑައިގަތީ ރައީސް މުއިއްޒުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. ދަރިކަނބަލުން ރާއްޖެއިން އޭލެވެލްސް ނިންމެވީ ވެސް މިދިޔަ އަހަރެވެ. ސަރުކާރުން ދޭ ސްކޮޕާޝިޕް ލިބިވަޑައިގަތީ އޭލެވެލްސްގެ ފަސް މާއްދާއަކުން އޭ ހޯއްދަވައިގެން ޓޮޕް އެޗީވާސް އެވޯޑް ހާސިލު ކުރެއްވުމުންނެވެ.











