ޕީއެންއެފްގެ ބަޔަކު ޕީއެންސީއަށް ވެއްދުމުން 3000 ހަމަނުވި, ޒޭން އާއި މަލީހުގެ އަނބިކަނބަލުން ހިމެނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަދި އެމަނިކުފާނުގެ ދަރިކަލުން، ޕީއެންސީގެ ރައީސް ޒެއިން ޔާމީން: އޭނާގެ އަނބިކަނބަލުންގެ ނަން ވެސް މިހާރު އޮތީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި --- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަދި އެމަނިކުފާނުގެ ދަރިކަލުން، ޕީއެންސީގެ ރައީސް ޒެއިން ޔާމީން: އޭނާގެ އަނބިކަނބަލުންގެ ނަން ވެސް މިހާރު އޮތީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި --- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ އިސް މެންބަރުންތަކެއްގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަންކުރާ ޕީއެންސީއަށް ވެއްދުމުން، ގާނޫނުން ލާޒިމުކުރާ އަދަދަށް ވުރެ ޕީއެންއެފްގެ މެންބަރުންގެ އަދަދު މަދުވެއްޖެ އެވެ.

ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއްގެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ޕީއެންއެފްގެ މެންބަރުންގެ ގޮތުގައި ތިބީ 2،822 މީހުންނެވެ.

މިކަމާ ގުޅިގެން މި ނޫހުން ސުވާލުކުރުމުން ޕީއެންއެފްގެ ލީޑަޝިޕުގައި ހިމެނޭ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް "އަދަދު" ނޫހާ ވާހަކަދައްކަމުން ވިދާޅުވީ މިއީ ހައްސަ އަދަދުތަކެއް ނޫން ކަމަށާއި އެ ޕާޓީގެ ގިނަ ބަޔެއްގެ ނަން މަތީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ.

"މިހާރު އިލެކްޝަނުން ކުރަން ޖެހޭ ކަމަކީ [ވަގު ފޯމު ފުރި މައްސަލާގެ] ތަހުގީގު ކުރަންވީ. ޕީޕީއެމް އާ އެހެން ޕާޓީތަކުން ވަރަށް ގިނަ ރައްޔިތުންތަކެއް ޕީއެންސީއަށް ވައްދާ އެކަން އިއުލާނުކޮށްފަ،" މަލީހު ވިދާޅުވި އެވެ.

އެގޮތުން، އެ ޕާޓީގެ ރައީސް ޒޭން ޔާމީން އަދި މަލީހުގެ އަނބިކަނބަލުންނާއި ޕީއެންއެފްގެ ސެނެޓުގެ ގިނަ މެންބަރުންތަކެއްގެ ނަމުގައި ވަގު ފޯމު ފުރާ ޕީއެންސީއަށް ވައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ރައީސް ޔާމީނުގެ ފޯމު ފިޔަވާ އެހެން ހުރިހާ ފޯމެއް އެބޭފުޅުން އެހެރީ ޕްރޮސެސް ކޮށްފަ ޕީއެންސީއަށް ވައްދާފަ،" މަލީހު ވިދާވި އެވެ.

މިއީ ސީދާ ގާނޫނަށް ގޮންޖެހުން ކަމަށާއި މި މައްސަލައިގެ ފުރިހަމަ ތަހުގީގެއްކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެ ތަހުގީގު ނުނިމެނީސް ދައުލަތުގެ ބަޖެޓުން އެއްވެސް ޕާޓީއަކަށް ފައިސާ ދޫކޮށްގެން ނުވާނެ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.

އޭޕްރިލް 10، 2024 ގައި ޕީއެންއެފް އުފެއްދީ ޖުމްލަ 3،060 މެންބަރުންނާއެކު އެވެ. އެ ފަހުން ޕީއެންއެފް އަށް މެންބަރުން އިތުރުވެސް ކުރި އެވެ. ނަމަވެސް އަހަރު ނިމުނުއިރު އެ ޕާޓީ އުފެއްދިއިރަށްވުރެ 238 މެންބަރުން ވަނީ މަދުވެފަ އެވެ.

ޕީއެންސީއަށް ވަގަށް މީހުން ވެއްދުމުގެ މަސައްކަތުގެ ބޮޑު ބައެއް ކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަން ހިންގާ އޮފީހުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނެވެ. ވަގު ފޯމު ފުރުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދިޔައިރު، އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއެންއާރުގެ ވެރިންގެ، އަބްދުލްމަޖީދު އަދި އަހުމަދު އާލީ ވަނީ އެ ހުރިހާ ކަމަކަށް އެއްބަސްވެފަ އެވެ.

ފޯމު ފުރުމުގެ މަސައްކަތް ކުރިއިރު ޕާޓީއަށް ވަންނަން އެދޭ އެއްވެސް މީހަކު އެތަނަކު ނުހުރެ އެވެ. ނަމަވެސް ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާ މީހުން އެތަނުގައި ތިބެ އެވެ. ޕީއެންސީއަށް މީހުން ވައްދާ ފޯމުގެ އިގުރާރުގައި ބުނަނީ، ހެކިވެރިޔާ ސޮއި ކުރަނީ ޕާޓީއަށް ވަންނަން އެދޭ މީހާގެ ހާޒިރުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox