ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމާ އެމްޑީޕީން ދެކޮޅު، ރައްދުގައި އަބްދުއްރަހީމް ވިދާޅުވީ ގައުމު ހިންގަން ނޭނގެނީ ކަމަށް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ވިދާޅުވީ ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމު ފުނޑާލަން ކަމަށް -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ވިދާޅުވީ ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމު ފުނޑާލަން ކަމަށް -- ފޮޓޯ: އެމްޑީޕީ

ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވުމުން، އޭގެ ބޭނުމަކީ ބާރުތައް އަތުލައި "ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންކަން" ހިންގުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވިދާޅުވެ، ކައުންސިލްތަކުގެ އަދަދު ކުޑަ ކުރަން ގާނޫނުތަކަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ ވެރިކަން ހިންގާ ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެކަމަކު، ޝާހިދު ވިދާޅުވީ ކައުންސިލްތައް ކުޑަ ކުރަން ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ.

"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،" އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.

Advertisement

އޭގެ އިތުރުން، ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރުން ޝާހިދު ސިފަ ކުރެއްވީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.

"ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ޝާހިދަށް ރައްދު ދެއްވަމުން ހަމަ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ހިންގަން ނޭނގި ގައުމު ބަނގުރޫޓުކޮށްލީ އެމްޑީޕީން ކަމަށެވެ.

"ގައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓުކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުން ނުކުމެ މަނިކުފާނުމެންގެ ވެރިކަން ނިމުމަކަށްގެނައީ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް. ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރި ނަމަވެސް ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބާރުވެރިކަން ނުވަތަ ބައިވެރިވުން ކުޑަނުވާނެ ކަމަށެވެ.

"ކައުންސިލުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން ދޫކޮށްލުމެއް ނޫން. އެއްގޮތަކަށް ވެސް އެހެނެއް ނޫން. މިސާލަކަށް ދަންނަވަންޏާ، މުޅި ގައުމުގެ ކަންކަން ނިންމަން ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި މި ހޮވަނީ އެންމެ މީހެއް. އެހެންވީމަ ރަށެއްގެ 300 މީހުން، 500 މީހުން، ހާހެއްހާ މީހުންގެ ރަށެއްގައި ފަސް މީހުން، ހަތް މީހުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.

"ރައްޔިތުންގެ ފަރާތުން ހުންނަ ވެރިއެއްގެ ގޮތުގައި ކައުންސިލުގެ ރައީސަކާއި ނައިބު ރައީސްއަކާ ހޮވީމަ އާބާދީގެ ގޮތުން ކުދި ރަށްތަކަށް ފުދޭނެ. އަދި އާބާދީގެ ގޮތުން އެއަށްވުރެ ތަންކޮޅެއް ބޮޑެތި ރަށްތަކަށް އެއަށްވުރެ އަދަދު ބޮޑުކޮށްލިޔަސް އަދި ސިޓީތަކަށް އެއަށްވުރެ ތަންކޮޅެއް ބޮޑުކޮށްލިކަމުގައި ވިޔަސް މިހާރަށްވުރެ ސައިޒު ކައުންސިލުތަކުގެ ކުޑަ ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ ނިޒާމަށް ވަރަށް ގިނަ އިސްލާހީ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓު ކުރުމާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުއައްސަސާތައް ވެސް މަދު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox