ވެރިކަމާ ހަވާލުވެ މަޝްރޫއުތައް ހުއްޓާލި ވާހަކަ ރައީސް ދޮގު ކުރައްވައިފި

ޕީއެންސީގެ ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ ނިމިދިޔަ ސަރުކާރުން ކަމަށް -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް / އަދަދު

ޕީއެންސީގެ ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ ނިމިދިޔަ ސަރުކާރުން ކަމަށް -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް / އަދަދު

މި ސަރުކާރުން ވެރިކަމާ ހަވާލުވެެ ރަށްރަށުގައި ހިންގަމުން އައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅުން ބުނަމުން އަންނަ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ދޮގު ކުރައްވައިފި އެވެ.

ހިޔާ ފްލެޓުތައް ކައިރީ މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ މިދިޔަ ސަރުކާރުން ކަމަށެވެ. ކުރީ ސަރުކާރުން ހުއްޓާލި މަސައްކަތްތަކާއި އިތުރު މަޝްރޫއުތަކާއެކު މިހާރު ސަރުކާރުން 527 މަޝްރޫއެއް ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިވިގެން މި ދަނީ އަޅުގަނޑުމެން ހަވާލުވެގެން މިދިޔަ ހަތަރު މަހާއި ބައިގެ ތެރޭގައި އަޅުގަނޑުމެން ނުކުރެއޭ އެއްވެސް މަސައްކަތެއް. އަޅުގަނޑުމެން، މިދިޔަ ސަރުކާރުގައި ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން ދަނިކޮށް އަޅުގަނޑުމެން ހަވާލުވެ ހުއްޓާލީއޭ ހުރިހާ ކަމެއް. މިކަހަލަ ވާހަކަތައް އަޑު އަހާ ބަޔަކަށް އަޅުގަނޑުމެން ވާންވީ ސަބަބެއް ނެތް ލޯ ކުރިމަތިން ކަންކަން ފެންނަން ހުރިއިރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ފެށި ގިނަ މަޝްރޫއުތައް ހުއްޓާލާފައި އޮތީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީގެންނާއި ޕްރޮޖެކްޓުތައް މިސްމެނޭޖް ކުރުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެން އައިސް، މި މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ބަލައި، ހުއްޓިފައި ހުރީ އެ މަޝްރޫއުތައް ހިންގި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދީގެންކަން އެ ހުރީ ހިސާބުތަކުން ފެންނަން. ނުވަ ހާސް މިލިއަން ރުފިޔާގެ ފައިސާ، ކުޑަ އަދަދެއް ނޫން، އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރުގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ހިސާބުތައް

  • ފެނާއި ނަރުދަމާގެ މަޝްރޫއުތައް - 27 މަޝްރޫއެއް ހުއްޓިފައި، މިހާރު 74 މަޝްރޫއު އެބަ ހިނގާ
  • ބަނދަރު ހެދުމާއި ބިން ހިއްކުމާއި ތޮށިލުން - 30 ރަށެއްގައި މަޝްރޫއުތައް ހުއްޓިފައި، މިހާރު 90 މަޝްރޫއު އެބަ ހިނގާ
  • އެއާޕޯޓު ހެދުމުގެ މަޝްރޫއުތައް - ހަތް ރަށެއްގައި ހުއްޓިފައި - ހަތް ރަށް ވެސް ފެށިފައި
  • މަގު ހެދުމުގެ މަޝްރޫއުތައް - 17 ރަށެއްގައި މަޝްރޫއު ހުއްޓިފައި، މިހާާރު 24 ރަށެއްގައި އެބަ ހިނގާ
  • ދަނޑުތަކާއި ކޯޓުތައް ހެދުން - 84 މަޝްރޫއު ހުއްޓިފައި، އޭގެ ތެރެއިން 71 މަޝްރޫއު ފެށިފައި
  • މިސްކިތް ބިނާ ކުރުން - މިސްކިތްތަކުގެ 20 މަޝްރޫއެއް ހުއްޓިފައި، 42 މަޝްރޫއު މިހާރު އެބަ ހިނގާ
  • ތައުލީމީ ދާއިރާ - 90 މަޝްރޫއު ހުއްޓިފައި، 217 މަޝްރޫއު މިހާރު ހިނގާ
  • ޖުމްލަ 527 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަމަށް ވިދާޅުވި

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހިފައި ހުރި މީހާ ވެސް ވިސްނާލުމުން އެމަނިކުފާނު ދައްކަވަނީ ތެދު ވާހަކަކަން އެނގޭނެ ކަމަށެވެ. އެއީ މުސްލިމަކަށްވީތީ ވެސް އެކަން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޔާސީ ވިސްނުމުން ގޮސް އެއްކޮށް ފޯވެގެން ވަކި އަތަކަށް ގޮސް ހުސްވެފައި ހުރި މީހާ ވެސް ވިސްނާލަންޖެހޭނެ ތިމަންނަ މިއީ ﷲ ދެއްވި ސިކުނޑިއެއް ހުރި މީހެއްކަން. އެ ސިކުނޑިން ތިމަންނާއަށް ވިސްނަން ޒިންމާއެއް އޮތްކަން މުސްލިމަކަށްވީތީ ވެސް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނެފައި ވަނީ މި ސަރުކާރު ވެރިކަމަށް އައިސް ޖުމްލަ 1720 މަޝްރޫއެއް ހުއްޓާލާފައިވާ ކަމަށެވެ.

"މި މަޝްރޫއުތަކަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ ވަރަށް މުހިންމު މަޝްރޫއުތަކެއް. އަޅުގަނޑުމެން އަމަލު ކުރާ މި ގާނޫނުއަސާސީ ދައުލަތަށް، ރައީސްއަށް ލާޒިމު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދު ކުރުމުގައި އިސްކަންދޭންވާނީ ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމަކޮށްދިނުމަށް ކަމަށް،" ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox