ހުލާސާކޮށް އިއްޔެ: ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ކުރެވޭ ގޮތް ހަދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ މެންބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ހުށަހަޅައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ގަވާއިދަށް އެ ބަދަލު ގެންނަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް މި ކަން ހާމަކުރެއްވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން އޭނަ ހުށަހެޅުއްވި ބިލުގެ ބަހުސް ފަށަން، މަޖިލީހުގެ ތަޅުމަށް ބިލު އިއްވަވަމުންނެވެ.

ސަލީމު ވިދާޅުވި ގޮތުގައި މީގެ ކުރިން އެކަން ނުކުރެވިގެން ދިޔައީ، މިވީހާ ދުވަހު މަޖިލީހުން އަމަލު ކުރަމުން ދިޔަ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ސަބަބުންނެވެ.

އޭނާ ވިދާޅުވީ، ރައީސް އާއި ނައިބު ރައީސް ހާޒިރުކުރުމަކީ މިހާރު ވެސް ގާނޫނު އަސާސީން މަޖިލީހަށް ލިބިފައިވާ ބާރެކެވެ. ގާނޫނު އަސާސީގައި އޮންނަ ގޮތުން ވަޒީރުންގެ މަޖިލީހާއި އެ ނޫން ވެސް ސަރުކާރުގެ އިސް މަގާމުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމުގެ ބާރު މަޖިލީހަށް އޮންނަ ކަމެވެ.

"ވަޒީރުންގެ މަޖިލީހަކީ ހަމައެކަނި ވަޒީރުންނެއް ނޫން، ވަޒީރުންގެ މަޖިލީހުގައި (ކެބިނެޓުގައި) އެންމެ އިސް ދެ ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު،" ގަވާއިދަށް ހުށަހަޅާފައިވާ ބަދަލުގެ ވާހަކަ ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވި އެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ސަލީމް، ރައީސް އާއި ނައިބު ރައީސް ހާޒިރު ކުރެވޭ ގޮތް ހެދުމަށް ގަވައިދަށް ބަދަލެއް ގެންނަން ހުށަހެޅި އިރު އެމްޑީޕީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާޒިރު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވެ އެވެ.

މަޖިލީހުގެ މައިނޯރިޓީން އޭރުގެ ރައީސް ސޯލިހު ހާޒިރު ކުރުމަށް މަސައްކަތް ކުރީ، ރާއްޖެއާއި މޮރިޝަސްގެ ފުށުއަރާ ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށް އިޓްލޮސްގައި އޮތް މައްސަލާގައި ދިވެހި ދައުލަތުގެ މަސްލަހަތު އޭރުގެ ސަރުކާރުން އިސްކޮށްފައި ނުވާ ކަމަށް ބުނެ އެވެ.

އެ ފަހަރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ރައީސްއާއި ނައިބު ރައީސް ހާޒިރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކުރާ ވާހަކަ ދައްކަވާފައި މި ވަނީ، ރައީސް މުއިއްޒު އަޒުލު ކުރުމުގެ ވިސްނުން ވެސް އެމްޑީޕީން ހާމަކޮށްފައިވަނިކޮށެވެ. އެ ޕާޓީގެ މެންބަރުން ވިދާޅުވަނީ އެ ކަން ކުރާނީ "އެންމެ ރަނގަޅު" ވަގުތު ޖެހުމުން ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox