ހުޅުމާލޭގައި ސްކޫލެއް ގާއިމުކޮށް މިސްކިތެއް ތަރައްގީ ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮޔާ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީ ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. މި މިސްކިތް ތަރައްގީ ކުރާނީ، ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ.
މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެ އެވެ. އަދި, އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން އެ ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހްސަން އެވެ. އޭނާއަކީ މިހާރުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ވެސް ހުންނެވި ބޭފުޅެކެވެ.












