އެމަނިކުފާނުގެ އަމާޒަކީ އަދި މިވަގުތު މަސައްކަތް ކުރައްވަނީ ގާނޫނެއްގެ ދަށުން 20 އަހަރުގެ ބޮޑު މާސްޓާ ޕްލޭނެއް ހަދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވެލާނާ އެއާޕޯޓުގެ ތިން ވަނަ ފިޔަވަހީގެ ޕްލޭން އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ހުރިހާ ދާއިރާއެއް ހިމެނޭ ފުރިހަމަ 20 އަހަރުގެ މާސްޓާ ޕްލޭނެއް ހެދުން ކަމަށެވެ.
"20 އަހަރުގެ މާސްޓާ ޕްލޭނެއް އަޅުގަނޑުމެން މި ހަދަން މި މަސައްކަތް ކުރަނީ. އަދި އެ މާސްޓާޕްލޭނަކީ އެކަމަށް ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަޅުގަނޑުމެން ހަދާ އެ ގާނޫނުގެ ބާރުވެރިކަން ލިބިފައިވާ މާސްޓާ ޕްލޭނަކަށް ހެދިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މާސްޓާ ޕްލޭނަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ދާއިރާއެއްގެ ވާހަކަ ހިމަނައިގެން ހަދާނެ މާސްޓާ ޕްލޭނެއް ކަމަށެވެ.
"އޭގެ ތެރޭގައި އިގްތިސާދު ކުރިއެރުވުމުގެ މާސްޓާ ޕްލޭން، އިޖްތިމާއީ ކުރިއެރުވުމުގެ މާސްޓާ ޕްލޭން، މުޅި ތަރައްގީގެ ވަށާޖެހޭ ފުރިހަމަ ހުރިހާ ކަމެއް ހިމެނޭ ޕްލޭނަކަށް ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މާސްޓާ ޕްލޭން ހެދުމަށް ބޭނުންވާ އެއްބާރުލުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ދެ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ ތެޔޮ ރައްކާ ކުރުމަށް ބޭނުން ކުރާ ކ. ފުނަދޫ ފައިނޭންޝަލް ސެންޓަރަކަށް ބަދަލު ކުރުމާއި ތިލަފުށީ ސަރަހައްދުގައި ރީއެކްސްޕޯޓު ކުރާ ޒޯނެއް ކަނޑައެޅުމެވެ.
"އެ ތަނަކީ [ފުނަދޫއަކީ] އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާއަކަށް ހެދުމަކީ އެކަމަށް ފުރުސަތު ހުޅުވާލެވި، އެގޮތަށް ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަސައްވުރުގައި ހިމެނޭ ގޮތް،" ރައީސް ވިދާޅުވި އެވެ.
ދެން ރައީސް ވިދާޅުވީ ތިލަފުއްޓާއި އެ ސަރަހައްދުގައި ހިއްކާ އެހެން ބިންތަކުން ގެދޮރާއި އެހެނިހެން ބޭނުންތަކަށް ދިނުމަށްފަހު މިހާރު ސަރުކާރުން ހަދަން މަސައްކަތް ކުރަމުންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީގެ ފަރާތުން އެ ސަރަހައްދުގައި ރީއެކްސްޕޯޓު ކުރާ އެސްއީޒީ ޒޯނެއް ގާއިމް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީ އެކްސްޕޯޓް ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑްގެ ޒޯނަކަށް އެތަން ހެދިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ދެ މަޝްރޫއަކީ ސަރުކާރުން މިހާތަނަށް އިއުލާނު ކުރި އެންމެ ފުރަތަމަ ދެ އެސްއީޒެޑް ޒޯނެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނަކީ ބައެއް ހާއްސަ އިނާޔަތްތައް ލިބިދޭނެ ޒޯންތަކެކެވެ. އެފަދަ ތަނަކަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަދަދެއް ސަރުކާރުން ކަނޑައަޅާފައި އޮވެ އެވެ.












