ތެޔޮ ރައްކާ ކުރުމަށް ހާއްސަކޮށްފައިވާ ކ. ފުނަދޫގައި މިހާރު ކުރަމުންދާ މަސައްކަތް އެހެން ތަނަކަށް ބަދަލު ކުރުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ ތިން ވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި އެ މަޝްރޫއުގެ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފުނަދޫ ފައިނޭންޝަލް ސެންޓަރަކަށް ބަދަލު ކުރުން އެއާޕޯޓުގެ ތަރައްގީއަށް ވެސް މުހިންމު ކަމަށެވެ.
"އެ ތަނަކީ [ފުނަދޫއަކީ] އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާއަކަށް ހެދުމަކީ އެކަމަށް ފުރުސަތު ހުޅުވާލެވި، އެގޮތަށް ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަސައްވުރުގައި ހިމެނޭ ގޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުނަދޫ ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި ފައިނޭންޝަލް ސެންޓަރު ހެދުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ އަންނަ އާދިއްތަ ދުވަހު ކެބިނެޓުގައި ކުރައްވާނެ ކަމަށެވެ.
"އިރާދަކުރެއްވިޔާ މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އެސްޓެބްލިޝް ކުރަން. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާސް ރާއްޖޭގައި ގާއިމް ކުރުމުގެ މަގު މިވަގުތަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ތިލަފުއްޓާއި އެ ސަރަހައްދުގައި ހިއްކާ އެހެން ބިންތަކުން ގެދޮރާއި އެހެނިހެން ބޭނުންތަކަށް ދިނުމަށްފަހު މިހާރު ސަރުކާރުން ހެދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީގެ ފަރާތުން އެ ސަރަހައްދުގައި ރީއެކްސްޕޯޓު ކުރާ އެސްއީޒީ ޒޯނެއް ގާއިމް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީ އެކްސްޕޯޓް ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑްގެ ޒޯނަކަށް އެތަން ހެދިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ދެ މަޝްރޫއަކީ ސަރުކާރުން މިހާތަނަށް އިއުލާނު ކުރި އެންމެ ފުރަތަމަ ދެ އެސްއީޒެޑް ޒޯނެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނަކީ ބައެއް ހާއްސަ އިނާޔަތްތައް ލިބިދޭނެ ޒޯންތަކެކެވެ. އެފަދަ ތަނަކަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަދަދެއް ސަރުކާރުން ކަނޑައަޅާފައި އޮވެ އެވެ.
މިރޭ އިފުތިތާހު ކުރި ވެލާނާ އެއާޕޯޓުގެ ތިން ވަނަ ފޭހުގެ ދަށުން ފަސިންޖަރު ޓާމިނަލް ޖާގަ އިތުރުކޮށް 25 މިލިއަން ފަސިންޖަރުން ޖާގައިގެ އެއާޕޯޓެއް ހެދުމުގެ މަޝްރޫއު އެވެ. އެ ޕްރޮޖެކްޓް އެއްކޮށް ނިންމޭނީ 10 އަހަރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިވަގުތު ހިނގަމުންދާ އެއާޕޯޓު އެކްސްޕޭންޝަންގެ މަސައްކަތާއެކު އެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހިންގެ އިގްތިސާދުގެ މައި ދޮރާށި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންގެ މަސައްކަތާ އެކީގައި މިހާރު މި ފެށިފައިވާ މަސައްކަތުގައި ހުޅުވޭ ވަރަށްވުރެ މަދުވެގެން ތިން ގުނައަށް އަޅުގަނޑުމެން ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.











