ފުށިދިއްގަރުފަޅު ހިއްކަން ސީއެމްސީސީއާ ހަވާލު ކުރަނީ

Dec 12, 2023, 6:09 PM
 ފުށިދިއްގަރު ފަޅު

ފުށިދިއްގަރު ފަޅު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވަފެނީ މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކަން ރާއްޖޭގައި މިހާރު ވެސް ބިޔަ މަޝްރޫއުތައް ހިންގަމުން އަންނަ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާ ހަވާލުކުރަން ނިންމައިފި އެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި އާބަންކޯ އާއި ސީއެމްސީސީއާ ދެމެދު މިރޭ ސޮއިކުރާނެ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް، އެއްބަސްވުމާ ގުޅޭ ގޮތުންނާއި މަޝްރޫއުއާ ގުޅޭ ގޮތުން ސަރުކާރާއި އާބަންކޯއިން ވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ސީއެމްސީސީއާ މަޝްރޫއު ހަވާލުކުރަނީ ކޮން ޝަރުތު ތަކަކަށް ކަމެއް، ކޮން އަގަކަށް ކަމެއް އަދި ޕްރޮޖެކްޓަށް ފައިސާ ހޯދަނީ ކިހިނެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މާލެގެ ދެކުނުން 16 ކިލޯމީޓަރު ދުރުގައިވާ ބިޔަ ފަޅު ހިއްކައި އެތަން އާބާދުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ، އެ މަޝްރޫއު ފެށުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް 400 މިލިއަން ރުފިޔާ ޖެހި އެވެ.

ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓުން އެ 400 މިލިއަން އުނިކޮށް، އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލުކޮށްފަ އެވެ. އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލައިފަ އެވެ.

އެބަދަލާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީ އެއްވެސް ބަހެއް ނުބުނެ ތިބެ، މަޝްރޫއު ބަޔަކާ ހަވާލުކުރަން އެ ވަނީ ނިންމައިފަ އެވެ.

ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ފުށިދިއްގަރުފަޅު 10 ވަރަކަށް މަސްތެރޭގައި ހިއްކައި ނިންމާލެވޭނެ ރައީސް މުއިއްޒު ކުރިން ވަނީވިދާޅުވެފަ އެވެ. އެއަށްފަހު އެތަނުގެ ވަށައިގެން ބޮޑު ހިލަޖަހައި ބޭނުންވާ އިންވެސްޓްމަންޓްތައް ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ސީއެމްސީސީއާ މަޝްރޫއު ހަވާލުކުރަނީ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއެކު އެވެ.

މުއިއްޒުގެ ރިޔާސީ ވައުދަކީ މާލެ ސަރަހައްދު ކައިރީގައި އޮތް، އަދި މި ސަރުކާރުން ވެސް ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅީފަޅުގެ އިތުރުން ފުށިދިއްގަރުފަޅު ހިއްކައިގެން 65،000 ގޯތި ދޫކުރުމެވެ. ފުށިދިއްގަރު ފަޅުން 11،970 ގޯއްޗާއި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރި އެޕާޓްމަންޓްތަކުގެ 26،500 ހައުސިން ޔުނިޓް އެޅުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކަން ގެންނާނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތައް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ދައުލަތުން ބޮޑު ހަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ބޭނުންކޮށްގެން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެތައް ސަތޭކަ މިލިއަން ޑޮލަރު ހޭދަކޮށްގެން ފުށިދިއްގަރުފަޅު ތަރައްގީކުރިޔަސް، މާލެ އާއި އެ ފަޅާދެމެދު އޮތް މާކަނޑަކީ، ވަރަށް ގަދަ ކަނޑެކެވެ. އެ ދެމެދުގައި ބްރިޖެއް ނޭޅޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފުށިދިއްގަރުފަޅު ހިއްކަން ބޭރު ބަޔަކާ ހަވާލުކުރަން ނިންމާފައިވާއިރު، އެ މަޝްރޫއުއާ ގުޅޭ ގޮތުން ކުރިން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް ވިދާޅުވީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި ނަމަ ދައުލަތުގެ މާލިއްޔަތުން 100 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox