ސަލްމާން މިސްކިތުގައި ޕާކިން ނެތީ ކުރީ ސަރުކާރުން ޕްލޭން ނުކުރުމުން: ޕްލޭނިން

ސަލްމާން މިސްކިތުގައި ޕާކިން ނެތީ ކުރީ ސަރުކާރުން ޕްލޭން ނުކުރުމުން: ޕްލޭނިން

މިދިޔަ ހުކުރު ދުވަހު ހުޅުވި ސަލްމާން މިސްކިތް ކައިރީ ޕާކް ކުރެވޭނެ ގޮތް ހެދުމަށް މާލެ ސިޓީ ކައުންސިލުން އެދިފައިވާ ގޮތަށް ބިންތައް ދެވެން ނެތީ މިސްކިތާއި އެ ބިންތައް ވެސް ކުރީގެ ސަރުކާރުން ޕްލޭން ކޮށްފައި އޮތް ގޮތުގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ސަލްމާން މިސްކިތުގެ ޕާކިންއަށް އެ މިސްކިތުގެ ކުރިމަތީގައި އޮންނަ އެމްޓީސީސީ ސޯމިލް ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. ނަމަވެސް އެ ކަމަށް އެއްބާރުލުން ނުލިބޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

މުއިއްޒު މިހެން ވިދާޅުވި ފަހުން ސޯޝަލް މީޑިއާގައި ދަނީ މިސްކިތުގެ ޕްލޭނިންގެ ކުރެހުމެއް ދައުރު ވަމުންނެވެ. އޭގައި އޮތް ގޮތުން، މިސްކިތުގެ ގޯތި ތެރެއަށްވާ ސަރަހައްދުން ބޭސްމަންޓް ނުވަތަ އަންޑަ ގްރައުންޑް ޕާކިންއެއް ހިމަނައިފަ އެވެ.

ދައުރު ވަމުންދާ ކުރެހުމަކީ ވެސް ސައްހަ ކުރެހުމެއް ކަން ކަށަވަރު ކޮށްދީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މި ނޫހަށް ވިދާޅުވީ، ކުރީގެ ސަރުކާރުގައި އެކި ފަހަރު މަތިން ޕްލޭން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ޕާކިންއަށް އެއްވެސް ޕްލޭނެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އެއީ ފުރަތަމަ ޕްލޭން އޮތް ގޮތް، ފަހުން އެ އުވާލާފައި އާ ޕްލޭނެއް ހެދީ، އެ ޕްލޭންގައި ނެތް ޕާކް ކުރާނެ ތަނެއް ވެސް،" އަކްރަމް ވިދާޅުވި އެވެ.

މޭޔަރު މުއިއްޒުގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އަކްރަމް ވިދާޅުވީ، މިސްކިތް ކުރިމަތީގައި ހުންނަ އެމްޓީސީސީ ސޯމިލް ބިން ވެސް އެހެން ކަމަކަށް އޭރުގެ ސަރުކާރުން ފެށިގެން ޕްލޭން ކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ބިން ވެސް ދެވެން ނެތީ ކަމުގަ އެވެ.

"މިހާރު އެ އޮތީ ފަހުން ޕްލޭން ބަދަލުކޮށް އެ ގޮތަށް އެ ތަން އިމާރާތްކޮށް ނިންމާފައި، އެއަށް ދެން އިތުރު ބަދަލުތަކެއް ނުގެނެވޭނެ، ޕާކިންގެ ވާހަކަ އެ ސަރުކާރުގެ އިސް ބޭފުޅުން ނުދެއްކެވުން މާ ރަނގަޅު ވާނެ،" އަކްރަމް ވިދާޅުވި އެވެ.

ނަމަވެސް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު މުއިއްޒުއާ ސުވާލު ކުރުމުން އޭނާ ވަނީ ޕްލޭން ބަދަލުކުރިކަން ދޮގު ކުރައްވައިފަ އެވެ. އަދި ކުރިން ވެސް ދެއްކެވި ވާހަކަތައް ތަކުރާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އޭރު އޮތީ މިސްކިތަށް ޕާކިން ޕްލޭންކޮށް ނިމިފައި ކަމުގަ އެވެ.

"މިސްކިތުގެ ދެ ފަރާތުންނާއި، ކުރިމަތީ މި އޮންނަ އެމްޓީސީސީ ސޯމިލް، މި ދެ ތަނަކީ މިސްކިތުގެ ޕާކިންއަށް ހާއްސަކޮށް ޕާކިން ޒޯނު ގާއިމް ކުރަން އޭރު ޕްލޭން ކޮށްފައި އޮތް ތަންތަން، މުޅިން ތެދު ވާހަކައެއް ނޫން ސަރުކާރުން މި ދައްކަނީ،" މުއިއްޒު ވިދާޅުވި އެވެ.

ސައުދީ ރަސްގެފާނުގެ އެހީގައި އިމާރާތް ކޮށްފައިވާ އެ މިސްކިތުގައި ހުކުރު ނަމާދަށް އެއްކޮށް ފުރާލާފައި އޮތެވެ. އެ ނަމާދުން ފެށިގެން އެ މިސްކިތުގައި އަންނަނީ ނަމާދު ކުރަމުންނެވެ. ހުކުރު ނަމާދު ވަގުތު އެ މިސްކިތް ކައިރީ އޮތީ ސައިކަލުތަކުން ފުރިފައެވެ. ޕާކިންގެ ޝަކުވާ އެ ހިސާބުން ފެށުނެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ސަރުކާރުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމިޔަސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުން ކުރަން ފެށުން ލަސްވެގެން ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox