ފުޓްބޯޅަ ކޯޗުން ވަކިކުރުމުގައި ރެކޯޑް ސީޒަނެއް

މި ސީޒަނުގައި މަގާމުން ވަކިކުރި ކޯޗުން. --އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

މި ސީޒަނުގައި މަގާމުން ވަކިކުރި ކޯޗުން. --އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ގިނަ އަހަރުތަކަށް ފަހު މި ފަހަރު ފެށީ އެއްވެސް ޓީމެއްގައި ބިދޭސީ ކޯޗަކު ނެތި އެވެ. ލީގުގައި ވާދަކުރާ އަށް ޓީމުގެ ބެންޗުން ވެސް ފެނުނީ ދިވެހި ކޯޗުންނެވެ. އެކަމަކު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނުނިމެނީސް އަށް ޓީމުގެ ތެރެއިން ފަސް ޓީމެއްގެ ކޯޗުން ވަނީ ބަދަލުވެފަ އެވެ. މިހާ އަވަހަށް ކޯޗުން ބަދަލުވުން މިއީ ރެކޯޑް އަދަދެކެވެ. ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު މިކަމާ ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެއްކިއިރު, ގިނަ ބަޔެއްގެ ނަޒަރުގައި މިކަމަށް ވިސްނައި ބަދަލުތަކެއް ވެސް ގެންނަން ޖެހެ އެވެ.

މި ސީޒަނުގައި މިހާތަނަށް ޓީމުތަކުން ވަކިވި ނުވަތަ ވަކިކުރި ކޯޗުންނަކީ މުޅިން ދިވެހި ކޯޗުންނެވެ. އެއީ މާޒިޔާގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު އާދަމް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އަހުމަދު ނާޝިދު (ނާދު) އާއި އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ކޯޗުން ބަދަލުނުވެ އޮތީ ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.

މާޒިޔާގެ އާ ކޯޗަކަށް ގެނައީ ކުރިން ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ރެއާލް ބެޓިސްގެ ލެޖެންޑް ރިސްޓޯ ވިޑަކޮވިޗް އެވެ. ޔުނައިޓެޑް ވިކްޓްރީން މުހައްމަދުގެ ބަދަލުގައި ޓީމު ހަވާލުކުރީ އީގަލްސްގެ ކުރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. ސަސްގެ ކޯޗުކަމާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވީ މި ސީޒަނުގައި އީގަލްސް އަށް އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްދިން މޯހަން އެވެ. އީގަލްސް އިން ގެންދިޔައީ ޓީސީ ކޯޗުކަމުން އިސްތިއުފާ ދިން ޝާޒް އެވެ. އަދި ޓީސީއާ ހަވާލުވީ އެ ޓީމު މީގެ ފަސް އަހަރު ކުރިން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ނިޒާމްބެ އެވެ.

މާޒިޔާ އިން ނިޒާމްބެ ވަކިވީ ހަތަރު މެޗަށް ފަހު އެވެ. އެ ހަތަރު މެޗުގެ ރެކޯޑަށް ބަލާއިރު, ދެ މެޗުން މޮޅު, އެއް މެޗުން ބަލި އަދި އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ސީޒަންގެ އެހާ ކުރީކޮޅުގައި މާޒިޔާ އިން އެހާ އަވަސް ނިންމުމެއް ނިންމީ ކީއްްވެތޯ ގިނަ ބަޔަކު ސުވާލު އުފެދުނެވެ. އެކަމަކު ވިޑަކޮވިޗް ކަހަލަ ތަޖުރިބާކާރެއް ގެނެސް މާޒިޔާގެ ކުޅުމުގެ ވައްޓަފާޅި އަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް އޭރު ވެސް ޔަގީންކުރެވުނެވެ. ވިޑަކޮވިޗްގެ ރެކޯޑް އޭއެފްސީ ކަޕްގައި ރަނގަޅުއިރު, މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުގެ އަމާޒުގައި މާޒިޔާ އިން ވަނީ ތައްޔާރުވާން ފަށައިފަ އެވެ. އެހެން ކަމުން އެ ޓީމުގެ ނިންމުން އެހާ އަވަހަށް އައީ މުޅި ސީޒަނަށް ބަލާފައި ބޮޑެތި ޓާގްޓްތަކެއް އޮތުމުން ގެނައި އަވަސް ބަދަލެއް ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ.

އެހެން ޓީމުތަކުގެ ކޯޗުން ބަދަލުވެފައި ހުރި ގޮތަށް ބަލާއިރު, މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސަސްގެ ކޯޗުކަމުން ނާދު ވަކިކޮށް މޯހަންއާ އެ ޓީމު ތިން އަހަރުގެ މުއްދަތަށް ހަވާލުކުރުމުން އެ ޓީމުން ދުރު ވިސްނުމަށް ބަލައި ކަންކަމަށް ތައްޔާރުވީ ކަމަށް ބެލެވިދާނެ އެވެ. އަދި މޯހަން އަށް ތިން އަހަރުގެ ޓާގެޓެއް ދިންއިރު, އެ ޓީމުން ދެން މޯހަންގެ ފަރާތުން ބޭނުންވާ ކަމަކީ އެ ޓީމުގެ ކުޅުމުގެ ސްޓައިލް ބަދަލުކޮށްލައި ރީތި ފުޓްބޯޅައެއް ކުޅޭ ޓީމަކަށް ސަސް ހެދުމެވެ. ސަސްގެ އުއްމީދަކީ އީގަލްސްގައި މޯހަން ކުރި މަަސައްކަތް ދުރު މުސްތަގުބަލެއްގައި އެ ކްލަބްގައި ކުރުމެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ވަނީ ކްލަބް ބަދަލުވުމުގައި އޮތް ގޮތް އޭނާގެ ނަޒަރުގައި ކިޔައިދީފަ އެވެ.

"މީގައި ފުޓްބޯޅައިގައި މި އޮންނަނީ ކުޅުންތެރިންނެކޭ ކޯޗުންނެކޭ އެއް އުސޫލެއް. ވަކިވާންޖެހުމާއި ވަކިކުރުމާއި ރަނގަޅު ހުށަހެޅުމެއް ލިބިއްޖިއްޔާ އެ ދިމާލަކަށް ދިއުމާއި އެ ކަހަލަ ކަންތައްތައް އޮންނަނީ. އަޅުގަނޑަށް ހީވަނީ އެއީ އެންމެން ވެސް އިހުތިރާމްކޮށް ބަލައިގަންނަންޖެހޭ ކަމެއްހެން،" މީޑިއާއާ ސަސްގެ ކޯޗެއްގެ ގޮތުގައި ބައްދަލުވި ފުރަތަމަ ފަހަރު މޯހަން ބުންޏެވެ.

މޯހަންގެ އެ ވާހަކަ އަކީ ހަގީގަތެވެ. ފުޓްބޯޅައިގައި ޓްރާންސްފާތަކެއް ހިނގަ އެވެ. އޭގައި ކޯޗުންނެކޭ އަދި ކުޅުންތެރިންނެއް ވަކިނުވާކަން މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރަށް ބެލިޔަސް އެ ހުރީ ފެންނާށެވެ. މޯހަންގެ އެ ވާހަކަތަކަށް ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ދެއްކި ވާހަކައިން ވެސް ބާރުލިބެ އެވެ. އިންމަ ބުނީ ފުޓްބޯޅައިގައި ހާލަތާއި ކަންތައްތައް ބަދަލުވާ ގޮތެއް ބުނަން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ މީގެ އޮންނަ ޕްރެޝަރާއި ރިސްކު ވެސް ބޮޑުވުމުން ކަމަށެވެ.

ފަސޭހައިން ދޫކޮށްލެވޭނެ ވެސް ކަމެއް ނޫން

ގިނަ ކޯޗުންގެ ވާހަކަ ހުރީ ކޯޗުން ބަދަލުވުމުގެ ކަންތައްތައް ދިފާއުކުރުމުގެ ވިސްނުމެވެ. އެކަމަކު މީގައި ހިޔާލު ތަފާތުވުންތަކެއް ވެސް އެބަހުއްޓެވެ. އެ ގޮތުން މިކަމުގައި ވިސްނަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރި ކޯޗުންގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީން ދޫކޮށްލި ކޯޗު މުހައްމަދު އާއި އެ ޓީމާ ދެން ހަވާލުވި ސާންތީގެ އިތުރުން އީގަލްސްއާ ހަވާލުވި ޝާޒް ހިމެނެ އެވެ. މި ތިން ކޯޗުން ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީގައި ހުރި ކަންބޮޑުވާންޖެހޭ ކަންތައްތަކަށް އަލިއަޅުވާލައިފަ އެވެ.

ސާންތީގެ ނަޒަރުގައި މީގެ ދިމާވާ ކަންތައްތަކާ މެދު ކްލަބްތަކާއި އެފްއޭއެމް އިން ރަނގަޅަށް ވިސްނާލައި ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުން އެއީ މި ވަގުތަށް ވެސް މުހިއްމު ކަމެކެވެ. އަދި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ރަނގަޅު ފުޓްބޯޅަ ކޯޗުންތަކެއް ދާއިރާ ދޫކޮށްދިއުމުގެ ބިރު ވެސް އެބައޮތް ކަމަށް ސާންތީ ފާހަގަކުރި އެވެ.

"ފުޓްބޯޅައިގައި މުޅި އުމުރު ދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެކޭ ގޮތުގައި މި އަށް ވިސްނަން ޖެހިއްޖެ. ވިސްނަން މި ޖެހެނީ ކްލަބްތަކާއި އަޅުގަނޑުމެންގެ ބަލަދުވެރި ފަރާތުން (އެފްއޭއެމް އިން). ލިިމިޓެޑް ކޯޗުން އަސްލު ހަގީގަތުގައި މި ތިބީ. މި ކޯޗުން ގޮވައިގެން އަދި ކްލަބްތައް ނޫނަސް ގޮވައިގެން އުޅޭނެ ބަޔަކު ހޯދަން އެބަޖެހޭ. ކިހިނެއްތޯ މި ކަންތައްތައް މިހެން މި ވާން ޖެހެނީ. މި މީހުންނަށް މި ތަމްރީނުކޮށް މި މީހުންގެ ފެންވަރު ދަށީތޯ؟މި މީހުންގެ ފެންވަރު ދަށް ނަމަ އެހެން ލެވަލަކަށް ގެންގޮސް މި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ އެބަ،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ކަމާއި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކޮށްފައިވާ ސާންތީ ބުންޏެވެ.

ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ސާންތީ ބުނީ ހަގީގަތުގައި ކްލަބްތަކުން ކޯޗުން ބަދަލުކުރުމުގައި މި ދިމާވާ ކަންތައްތަކުގެ ސަބަބުން އެއް ކޯޗު އަނެއް ކޯޗުގެ ގުޅުމަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެ ފަދަ ކަންކަމަކީ ފުޓްބޯޅަ އާއިލާ "ބަދަހިކޮށް" އޮތުމަށް އޮތް ކޮންމެ ވެސް ވަރެއްގެ ހުރަހެއްކަން ސާންތީ ފާހަގަކުރި އެވެ.

"(މި ދިމާވާ ކަންތައްތަކުން) އަންނާނެ ކޯޗުންގެ މެދުގައި އޮންނަ ގުޅުމަށް ވެސް ބަދަލު. ފުޓްބޯޅައިގެ ކޯޗުންނަކީ ވަރަށް ވާދަވެރި ބައެއް. ފުޓްބޯޅަ ފޯރި ގަދަވާނީ ވެސް އޭރުން. އަޅުގަނޑު މީގެ ދެތިން އަހަރު ކުރިން ކްލަބެއްގެ ކޯޗަކަށް ހުރިއިރު އަޅުގަނޑަށް ވެސް އަންނަ ކޮމެންޓެއް މިއީ އިންޓަވިއުތަކުގައި މާ ސޮފްޓީއޭ ކޯޗު. އަނެއް ކޯޗަށް ބަހުގެ ހަމަލާއެއް ދޭށޭ މި ކަހަލަ ކަންތައް ވެސް ކޮށްލާށޭ. މިއީ ފޯރި ފުޓްބޯޅައިގެ. ފެންނަ ފެނުމަށް ކިތަންމެ ރީއްޗަކަށް ވާހަކަ ދައްކާލިޔަސް އޮންނާނެ އެ ވާދަވެރިކަން،" ސާންތީ ބުންޏެވެ.

ޓީސީން އިސްތިއުފާ ދިނުމަށް ފަހު ޝާޒް އީގަލްސްއާ ހަވާލުވުމާ ދެމެދު ހަފްތާއެއް ވެސް ނުވާނެ އެވެ. އީގަލްސްގެ ކޯޗެއްގެ ގޮތުގައި ޝާޒް މީޑިއާއާ ބައްދަލުވި ފުރަތަމަ ފަހަރު ނޫސްވެރިންގެ ސުވާލު އެންމެ ބޮޑަށް އަމާޒުވި ކަމަކީ ޝާޒް އެއް ކްލަބުން އިސްތިއުފާ ދިނުމަށް ފަހު އެހާ އަވަހަށް އެހެން ޓީމަކަށް ދިޔައީ ކުރިން ހުރި ޓީމުން ވަކިވާން ޖެހުނު ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް ހުރެގެންތޯ އޮޅުންފިލުވުމަށެވެ.

އޭގެ ޖަވާބުގައި ޝާޒް ތަކުރާރުކޮށް ދެއްކި އެއް ވާހަކަ އަކީ ފުޓްބޯޅައިގައި ކަން ހިނގާނީ މި ކަހަލަ ގޮތަކަށް ކަމަށާއި ވަޒީފާއެއްގެ ގޮތުގައި ބަލާއިރު ފުޓްބޯޅައިގައި އޮންނަ "ޕްރެޝަރު" ވަރަށް ބޮޑު ކަމަށެވެ. އެކަމަކު އެ ހުރިހާ ވާހަކަ ދައްކައި ނިއްމާލުމުގެ ކުރިން ޝާޒް ބުނީ ފުޓްބޯޅައިގެ ހައްގުގައި ކޮންމެ ވެސް ދުވަހަކުން ޓީސީން އޭނާ ވަކިވާން ޖެހުނު ސަބަބުތައް ކިޔައިދޭނެ ކަމަށެވެ.

"މި ވަގުތު އީގަލްސްގެ ކޯޗަކަށް ހުރެ އަޅުގަނޑު ޓީސީގެ ވާހަކަ ދެއްކުން އެންމެ ރަނގަޅުކަމަކަށް ނުވާނެ. އެކަމަކު ކޮންމެވެސް އެހެން ދުވަހަކު ފުޓްބޯޅައިގެ ވާހަކަ ދައްކާއިރު އެހެން ޕްލެޓްފޯމެއްގައި ހުރެ އެ ވާހަކަތައް (ޓީސީގައި ދިމާވި ކަންތައްތައް) ފުޓްބޯޅައިގެ ހައްގުގައި ދައްކާލަން ބޭނުން. އެއީ ހަގީގަތުގައި މުހިއްމު ކަމެއް," ޝާޒް ބުންޏެވެ.

ކޯޗުންނަށް މި ދިމާވި ކަންތައްތަކުގައި އެންމެ ތަފާތު އެއް ވާހަކައެއް ދެއްކީ ކުރިން ސްރީލަންކާގެ ކްލަބްތަކާއި ވިކްޓްރީގައި ވެސް މަސައްކަތްކުރި ކޯޗު މުހައްމަދު އެވެ. މުހައްމަދު ބުނީ ހަގީގަތުގައި ކޯޗުންނަށް މި ދިމާވާ ކަންތައްތަކުގައި ދިރާސާއެއްކޮށް ހުރި މައްސަލަތައް ދެނެގަނެ އިލްމީ ގޮތުން ވެސް މީގެއަށް ގެނެވިދާނެ ބަދަލުތަކެއް ހުންނާނެ ކަމަށެވެ. މިސާލަކަށް ކޮންމެ ސީޒަނަކަށް ފަހު ކޯޗުންނާއި ފުޓްބޯޅައިގައި އުޅޭ އެންމެން ބައިވެރިވެ ސެމިނާއެއް ބޭއްވުން ވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް މުހައްމަދު ބުންޏެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ތެރޭގައި މި އުޅޭ ކޯޗުންނަކީ ވަރަށް ކުރީގައި ލައިސަންސް ނަގައިގެން ތިބި ކޯޗުން. ކޯޗިންގައި މި އަންނަ ބަދަލުތަކާއި ފުޓްބޯޅަ އަށް މި އަންނަ ބަދަލުތަކަށް ކޯޗުން އަހުލުވެރިކޮށްލެވޭނެ ގޮތްތަކެއް ހޯދުން ވެސް މުހިއްމު. މިސާލަކަަށް ރިފްރެޝާ ކޯހެއް ކަހަލަ ކަމެއް ބާއްވައިލުން ނޫނީ ސެމިނާއެއް ބޭއްވުން ވެސް ވެދާނެ އުފެއްދުންތެރި ހިޔާލުތަކެއް އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކުރެވޭނެ މާހައުލަކަށް," ކުރިން ޑިފެންޑަރަކަށް ކުޅުނު މުހައްމަދު ބުންޏެވެ.

އެފްއޭއެމްގައި މިހާރު އޮތް ލީޑަޝިޕުން ވަނީ ހަގީގަތުގައި ފުޓްބޯޅައިގެ ޓެކްނިކަލް ބައިގައި އުޅޭ ފަރާތްތައް ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން އެކި ލެވަލްތަކުގެ ކޯޗުން ތަމްރީން ކުރަން އަންނަނީ ގިނަ ޕްރޮގްރާމްތައް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދަމުންނެވެ. އެފްއޭއެމްގެ އެހީތެރިކަމާ އެކު ރާއްޖޭގެ ދެ ކޯޗަކު ވަނީ ފުޓްބޯޅައި ކޯޗިންގެ އެންމެ މަތީ ފާސް ނަގައިފަ އެވެ. އެއީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެއް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް އެވެ. އެ ލައިސަންސް ހޯދި ދެ ކޯޗުން ކަމަށްވާ ޝާޒް އާއި މޯހަން އަންނަނީ ފުރަތަމަ ޑިވިޝަނުގައި މަސައްކަތްކުރަމުންނެވެ. އެފްއޭއެމްގެ އެހީތެރިކަމާ އެކު ދެން އެންމެ އަވަހަށް ޕްރޯ ލައިސަންސް ހާސިލްކުރާނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އާއި ދަ ގްރާންޑޭގެ ކޯޗު އިންމަ ކަމަށް އެފްއޭއެމުން ވަނީ އިއުލާނުކޮށްފަ އެވެ.

މީގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގައި ސީޒަނެއްގެ ތެރެއިން އެންމެ ގިނައިން ވެސް ކޯޗުން ބަދަލުވެފައިވަނީ ފަސް ފަހަރު އެވެ. އެކަމަކު އެއީ މުޅި ސީޒަނަށް ބަހާލައިގެންނެވެ. މި ސީޒަނުގައި ކޯޗުން ޓީމު ދޫކޮށްފައި ހުރި ގޮތަށް ބަލާއިރު އެއްވެސް ޓީމަކުން ސީދާ ކޯޗުން ވަކިކުރި ކަމަށް މީޑިއާ އަށް މައުލޫމާތު ދީފައެއްނުވެ އެވެ. ކޮންމެ ކޯޗެއް ވަކިވިއިރު ވެސް މީޑިއާ އަށް ބުނެދެނީ "ދެ ފަރާތް އެއްބަސްވެވުނު ގޮތަށް ކޮންޓްރެކްޓް ނިމުމަށް ގެނައީ" ކަމަށެވެ. އެކަމަކު އެއީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ކޯޗުންގެ މުސްތަގުބަލަށްޓަކައި ޓީމުތަކުން ކޯޗުން ބަދަލުކުރަން ބޭނުންވުމުން ބޭނުންކުރާ އުކުޅެކެވެ.

ރާއްޖޭގައި ފުޓްބޯޅަ ކޯޗުންނަށް މި ސީޒަނުގައި މި ދިމާވި ކަންތައްތަކަށް ބަލައި ކުރިއަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުން ގަބޫލުކުރެ އެވެ. ބައެއް ކޯޗުންގެ ކަންބޮޑުވުންތަކުން ވެސް އޭގެ މުހިއްމުކަން އެނގެ އެވެ. ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް މަސައްކަތްކުރާއިރު, އެތަނެއްގެ ސަގާފަތް ދަންނަ ކޯޗުންގެ ދައުރު ފުޅާވެފައި އޮތުން މުހިއްމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox